• ތަރަހައަކީ
ތަރަހަ
  • ތަރަހަ
  • މައްސަލަ އާއި ޙައްލު
    • ކާމިޔާބާއި ކުރިއެރުން
    • ޘަޤާފަތާއި ފިކުރު
    • ބާއްޖަވެރި ޢާއިލާ
    • ނަފްސުގެ ޠަހާރަތު
    • އިސްލާމީ ޙަރަކާތް
  • ސިޔާސީ
  • ދިރާސާ
    • ޢަޤީދާ
    • އަޅުކަން
    • މުޢާމަލާތް
    • އަޚްލާޤް
    • ދީނުގެ އަސްލުތައް
    • ޤާނޫނީ
    • ޝަރީޢަތާއި އިންސާނިއްޔަތު
  • ހާސަރު
    • އަބޫ ޖޯޝް
    • ނަބީލް
    • ޝަމީން
  • ވާހަކަ
  • ޅެން
  • ފޮތްތައް
    • މުފައްކިރަކު އުފެއްދުން
    • މުސްލިމަކަށް ނޭންގުން ނޭކަށޭ ކަންކަން
    • ފިޤުހުގެ ތާރީޚު
    • އިސްލާމީ ހޭލުންތެރިކަން މިއަދު
    • ދަތި ނުކުރާށެވެ. ފަސޭހަ ކުރާށެވެ.
    • ތިން އަސްލު: ޝަރަޙަ
    • އިސްލާމީ ހަރަކާތްތެރިންނާއެކު މުސްތަޤްބަލަށް
Showing posts with label މުފައްކިރަކު އުފެއްދުން. Show all posts


ޅ- ފަލްސަފާވެރިޔާ:

 ދާޢީންނާއި މުޞްލިޙުންނާއި ޢާލިމުންނާއި ފަލްސަފާވެރިންގެ މެދުގައި ވަރަށް ސާފު ތަފާތުތަކެއް އެބަހުއްޓެވެ. ފަލްސަފާއަކީ ޔޫނާނީ ބަހުން އައިސްފައިވާ ކަލިމައަކުން އުފެދިފައިވާ ލަފްޒެކެވެ. އަދި އެލަފްޒުގެ މުރާދަކީ ޙިކުމަތަށް ލޯބިކުރުމެވެ. ގިނަފަހަރު ފަލްސަފާގެ ދިރާސާތައް އަމާޒުވެފައި ހުންނަނީ ސިކުޑީގެ ބޭނުންތައް ފުއްދުމަށެވެ. އެއާ ޚިލާފަށް ސައިންސާއި ޓެކްނޮލޮޖީ ގިނަފަހަރަށް އަމާޒު ހިފަނީ މީސްތަކުންގެ ތަފާތު މާއްދީ ބޭނުންތަކާއި އެދުންތައް ފުއްދުމަށެވެ. ޢިލްމުވެރިޔާ ކުރާ ދިރާސާތަކަކީ އޭގެ މައްޗަށް ފަހުން އެތައް މަސައްކަތަކާއި އުފެއްދުންތަކެއް ބިނާވެގެން އަންނަ ކަމެކެވެ. އެއާ ޚިލާފަށް ފަލްސަފާވެރިން ގިނަފަހަރަށް ދިރާސާކުރާނީ ތަޢުރީފުތަކާއި މުޞްޠަލަޙުތަކާއި އަގުކުރުންތަކާއި އަމާޒުތަކެވެ. ޢިލްމުވެރިޔާ ދިރާސާކުރާނީ ވަކިވަކި ދާއިރާތަކުން ޚާއްޞަ ވަކި މައްސަލަތަކެކެވެ. އެހެންނަމަވެސް ފަލްސަފާވެރިންގެ ދިރާސާތައް ޚާއްޞަވެފައި ހުންނާނީ ބޮޑެތި ގިނަ މައުޟޫޢުތަކެއް ޝާމިލުވާ އަސާސީ ފިކުރީ މައްސަލަތަކަށެވެ. އަދި އެއުރެން މަސައްކަތްކުރާނީ ޠަބީޢީ އަދި މާއްދީ ވުޖޫދު އެޤާނޫންތަކެއްގެ މައްޗަށް ބިނާވެފައިވާ ޤަވާޢިދުތަކާއި ޤާނޫންތައް ހޯދުމަށެވެ. އަދި އިންސާނީ މުޖުތަމަޢު ބިނާކުރުމާއި ހިންގުމާ ގުޅުންހުރި ޤާނޫންތައް ހޯދުމަށެވެ.
ލިޔުއްވީ:ޑރ.ޢަބްދުލްކަރީމް ބައްކާރު
ތަރުޖަމާ: ޝިފްޒާން އަޙްމަދު

މުފައްކިރަކު ބިނާކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކާނަމަ، އެންމެ ފުރަތަމަ މުފައްކިރަކީ ކޮބައިކަން ދެނެގަތުން ލާޒިމެވެ. އަޅުގަނޑުމެންގެ ދަޢަވީ އަދި ޢިލްމީ ޙަޔާތުގައި ބޭނުންކުރާ މިފަދަ އެތައް މުޞްޠަލަޙުތަކެއް އެބަހުއްޓެވެ. އެއީ އުފެއްދުންތެރިކަމާއި ޢިލްމާއި މަޢުރިފަތުގެ މައިދާނުގައި މަސައްކަތްކުރައްވާ ޝަޚުޞިއްޔަތުތަކަށް އަޅުގަނޑުމެން ދޭ ބައެއްނަންތަކެވެ. މިފަދަ މުޞްޠަލަޙުތަކުގެ ތެރެއިން އެންމެ މުހިއްމު ބައެއް މުޞްޠަލަޙުތަކަކީ: ޢާލިމް، މުޞްލިޙު، ދާޢީ، މުތަޚައްޞިޞް، މުޘައްޤަފު، ފައިލަސޫފު ފަދަ ލަފްޒުތަކެވެ. އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވަން ބޭނުންވަނީ މިމުޞްޠަލަޙުތަކުގެ މެދުގައި ސާފު އިންތަކެއް ކަނޑައަޅައި ވަކިކުރުމަކީ އުދަގޫކަމެއްކަމުގައެވެ. އެއީ މައިގަނޑު ދެސަބަބަކަށްޓަކައެވެ. ފުރަތަމަ ސަބަބު: ސިކުނޑިއަށް އެއްޗެއްގެ ތަފްޞީލީ ޞިފަތަކަށް ބަލައިގެން އެއްޗަކާ މުޢާމަލާތްކުރުން ފަސޭހައެއްނޫނެވެ. އެއީ ޢަދަދުތަކާއި މިންވަރަށް ބަލައިގެން މުޢާމަލާތްކުރުމާ ޚިލާފަށެވެ. ދެވަނަ ސަބަބު: އިސްވެ މިދެންނެވި ހުރިހާ ލަޤަބުތަކަކީ ޢިލްމާއި އުގެނިގަތުމުގެ މައިދާނުގައި ޙަރަކާތްތެރިވާ ޝަޚުޞިއްޔަތުތަކަކަށް ބޭނުންކުރެވޭ ނަންތަކެކެވެ. އަދި އެހުރިހާ ފަރާތްތަކަކީވެސް ޙަޟާރަތާއި އިޞްލާޙާ ގުޅުންހުރި މުޞްޠަލަޙުތަކާއި (ޓާރމްސް)، މަފްހޫމާއި ފިކުރު ބޭނުންކުރާ ބައެކެވެ. އަދި ކަންކަން ހިގަމުން އަންނަ ގޮތް ނުވަތަ ވާޤިޢަށް ކޮންމެވެސް މިންވަރަކަށް ނަޤުދުކޮށް ފާޑު ކިޔާނެއެވެ. އެހެންކަމުން ކަވި ގޮތެއްގައި މިއިން ކޮންމެ ފަރާތެއްގެ ޞިފަތައް ކަނޑައަޅައި ތަޢުރީފުތަކެއް ދިނުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި އެބާބުގެ ތެރެއަށް ފުންކޮށް ވަދެއްޖެނަމަ، އެވަދެވެނީ ހަރުކަށިކަމާއި ދަތިކަމުގެ ދޮރަކުންނެވެ. އެހެންކަމުން މިއިން ކޮންމެ މުޞްޠަލަޙަކަށްވެސް އަވަސް ގޮތަކަށް އަޅުގަނޑު ކުރުގޮތަކަށް އަލިއަޅުވައިލާނަމެވެ. އެއީ މުފައްކިރުގެ މާނަ ތަފްޞީލީ ގޮތެއްގައި ބަޔާންކުރަން ފެށުމުގެ ކުރިންނެވެ.

ހ. މުތަޚައްޞިޞް: 

އެއީ ޢިލްމުގެ ދަރިވަރުންކުރެ، އެމީހެއްގެ ޢުމުރުން ދުވަސްތަކެއް ވަކި ދާއިރާއެއްގެ ދިރާސާތައް ހެދުމުގައި ހޭދަކޮށްފައިވާ މީހެކެވެ. އަ ޅުގަނޑުމެން މިއަދު ތާރީޚުގެ މުތަޚައްޞިޞެއް ނުވަތަ ކެމިސްޓްރީގެ މުތަޚައްޞިޞެއްކަމުގައި ނޫންނަމަ ކަންކަން ހިންގުމުގެ މުތަޚައްޞިޞެއްކަމުގައި ބުނަނީ މިދެންނެވި އުޞޫލުންނެވެ.

ށ. ޢާލިމް:

ޢާލިމަކީ ވަކި ޢިލްމީ ތަޚައްޞުޞެއްގައި ކުރިއަރައިގެން ގޮސް އެދާއިރާގެ އެހެން މީހުންގެ މައްޗަށް ކުރި ހޯދާ، ނުވަތަ އެދާއިރާގެ އެންމެ މޮޅެތި މީހުންގެ ތެރޭގައި ހިމެނޭ މީހާއެވެ. އަދި ވަރަށް ގިނަ ހިސާބުތަކުގައި ޢާލިމް މިލަފްޒު ބޭނުންކުރެވެނީ ޝަރުޢީ ޢިލްމުތައް އުގެނިފައިވާ ފަރާތަކަށް ނިސްބަތްކުރުމުގައެވެ. އެހެނީ މިޒަމާނުގެ ކުރިއެރުންތައް ވާޞިލުވުމުގެ ކުރިން އުންމަތުގެ މުޘައްޤިފުންގެ ބޮޑު އިންސައްތައަކީ ދީނީ ދަންނަބޭކަލުންނެވެ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން ޢާންމު ގޮތެއްގައި ބުނެއުޅޭނި އެވެނި މީހަކީ ޝަރީޢަތުގެ ޢިލްމުވެރިއެކޭ ނުވަތަ ސައިންސްގެ ޢިލްމުވެރިއެކޭ މިފަދަ ގޮތަކަށެވެ. އެހެންކަމުން މިހާރު ޢާލިމަކީ އެމީހެއްގެ ތަޚައްޞުޞުގައި ފާހަގަކުރެވޭ މިންވަރަކަށް ކުރިއަށް ގޮސްފައިވާ މީހާއެވެ.

ނ. މުޞްލިޙު:

އަޚްލާޤީ ނުވަތަ އިޖުތިމާޢީ ނުވަތަ ސިޔާސީ އިޞްލާޙީ ފިކުރުތަކެއް އަދި ތަޞައްވުރުތަކެއްގެ ވެރި މީހެކެވެ. ގިނަފަހަރަށް އޭނާގެ ފިކުރުތަކުގައި ބަރޯސާވާނީ އޭނާގެ އުންމަތުގެ ޢަޤީދާއަށާއި ޘަޤާފަތުގެ މައްޗަށެވެ. މިދެންނެވި އުޞޫލުގެ މަތިން އަޅުގަނޑުމެންގެ އިސްލާމީ ތާރީޚުގައި އެބަޔަކަށް އަޅުގަނޑުމެން މުޞްލިޙުންގެ ލަޤަބު ދޭ ހުރިހާ ފަރާތްތަކެއް ނުކުމެގެން އައީ އިސްލާމީ ޢަޤީދާއިންނެވެ. އަދި އިސްލާމްދީނުގެ އަމިއްލަވަންތަކަމާއި އުޞޫލުތަކާއި އެދީނުގެ މަތިވެރި މަފްހޫމްތަކުންނެވެ. މުޞްލިޙަކީ ފިކުރުތަކެއްގެ ވެރި މީހެކެވެ. އެހެންނަމަވެސް ގިނަފަހަރަށް އޭނާއަކީ އެފިކުރުތައް އުފަންކުރާ ފަރާތެއް ނޫނެވެ. އަދި ވަކި ޢިލްމީ ނަޒަރިއްޔާތަކެއް އޭނާގެ ކިބައިގައި ނުހުންނާނެއެވެ. އޭނާގެ ކިބައިގައިވާ އިޞްލާޙީ ތަޞައްވަރާއިގެން އަވަސް ފިޔަވަޅުތަކެއް އަޅަމުންދާނެއެވެ. އޭނާގެ ފިކުރުތަކުގެ ޠަބީޢަތަކީ ރަނގަޅުކުރުމާއި އިތުރަށް ކުރިއެރުވުމެވެ. ބަލައި ދިރާސާކުރާ ފަލްސަފީ ގޮތްގަނޑެއް ނޫނެވެ.

ރ. ދާޢީ: 
 
އެއީ ޢިލްމާއި ފިކުރާއި އިޞްލާޙުކުރަން އެދޭ އެދުމެއް އެމީހެއްގެ ކިބައިގައިވާ މީހެކެވެ. އޭނާގެ މަސައްކަތުގެ ބޮޑުބައަކީ މީހުންނަށް ހަނދާންކޮށްދިނުމާއި، ހެޔޮމަގަށް މީސްތަކުންނަށް މަގުދެއްކުމެވެ. އެހެންނަމަވެސް ގިނަ ޙާލަތްތަކުގައި އޭނާއަކީ ފިކުރުތަކެއް އުފަންކުރުވާ މީހެއް ނޫނެވެ. އަދި ގިނަފަހަރަށް ބޮޑެތި ޢިލްމީ ބަޙުސްތަކާއި ދިރާސާތައް ހެދުމަކީ އޭނާގެ މަސައްކަތެއް ނޫނެވެ. އެހެނީ އޭނާގެ އަހައްމިއްޔަތުކަން ހުއްޓިފައި އޮންނާނީ ޢާންމުންނަށެވެ. ޢާންމުން އެއްވެ އުޅޭ ތަންތަނަށެވެ. އަދި ކޮންމެ މުސްލިމެއްގެ ކިބައިން އެދެވިގެންވަނީ އެމީހެއްގެ ޢިލްމީ ޤާބިލުކަމާއި ޙާލަތު ތަންދިން މިންވަރަކުން ހެޔޮކަންކަމަށް ގޮވައިލާ ނުބައިކަންކަން މަނާކުރުމެވެ. އަޅުގަނޑުމެން އުފާކުރުން ޙައްޤު އެއްކަމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެމީހެއްގެ ތަޚައްޞުޞާއި ދަޢުވަތު އެއްކުރަމުންދާ މީހުން ފެންނަ ފެނުމެވެ. އެގޮތުން ދަޢުވަތުގެ މައިދާނުގައި އިންޖިނިއަރުންނާއި ޑަކުޓަރުންނާއި އެހެނިހެން އެތައް ޢިލްމެއްގެ މުތަޚައްޞިޞުން ޙަރަކާތްތެރިވެއެވެ. އަދި އެއްވެސް ތަޚައްޞުޞެއް ކިޔެވުމަކާނުލައި ދީނަށް ހުރި ޣީރަތްތެރިކަމަކާއި ލޯތްބެއްގެ ސަބަބުން މިމައިދާނުގައި އުޅޭ މީހުންވެސް ފެނެއެވެ. ރަނގަޅު މަގަށް އުންމަތަށް މަގު ދެއްކުމުގައި އެބައިމީހުން އެތައް ބުރައެއް އުފުލާ، އިސްލާމީ ދަޢުވަތުގެ ޚިދުމަތުގައި އެތައް މަސައްކަތްތަކެއް ކުރަމުންދެއެވެ.

މުޞްލިޙަކަށްވުރެ، އުންމަތުގެ މައްސަލަތައް ދެނެގަތުމުގައާއި ޢިލްމީ އުނދަރެހުގެ ތަނަވަސްކަމުގައާއި ޙަރަކާތުގެ ތަނަވަސްކަމުގައި، ދާޢީ ފަސްވާނެއެވެ. ހަމައެފަދައިން ޢާލިމަކަށްވުރެ، ޝަރުޢީ ޙުކުމްތަކާއި އަދަބުތައް އެގުމުގައި ދާޢީ ފަސްވާނެއެވެ. މިއީ ގިނަ މީހުންގެ ނިސްބަތުން ބުނާވާހަކައެވެ. މިއީ ޢާންމު ޝާމިލް ޙުކުމެއް ނޫނެވެ.

ބ. މުޘައްޤަފު:

އެމީހެއްގެ އަސާސީ ތަޚައްޞުޞް ފަހަނައަޅައި އައިސް އެހެން ދާއިރާތައްވެސް ދިރާސާކޮށް، އެދާއިރާތަކުގެ ފޮތްތައް ކިޔައި، އަދި އެދާއިރާތަކަށް އަސަރުކުރުވާ ޝަޚުޞިއްޔަތެވެ. އެމީހެއްގެ ވާހަކައިގައި މީސްތަކުންގެ ތެރެއިން ވަރަށް ތަނަވަސް ޖަމާޢަތަކާ މުޚާޠަބުކުރާނެއެވެ. އަދި ހަމައެފަދައިން އޭނާއަކީ ފާޑު ކިޔުމުގެ ޤާބިލުކަމާއި، އިޞްލާޙުކުރުމާއި ކަންކަން ތަރައްޤީކުރުމާ ގުޅުންހުރި ފިކުރުތަކާއި، ޓެކްނިކަލް ނުވަތް ފަންނީ މަފްހޫމްތައް އުފައްދައި ބިނާކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެކެވެ. އަދި މުސްތަޤުބަލާމެދު ތަޞައްވަރުތަކެއް ކުރެހުމުގެ ޤާބިލުކަން އޭނާގެ ކިބާގައި ހުންނާނެއެވެ.

މުޞްލިޙު އޭނާއާއި ޢާންމުނާ ދެމެދު އޮންނަ ގުޅުމުގެ ދާއިރާ ތަނަވަސްވިޔަ ނުދެއެވެ. އޭނާގެ ދުލާއި ޤަލަމަކީ އެއިން މީސްތަކުންގެ ހިތްތަކާއި ބުއްދިތަކަށް ވީޞިލުވުމަށް އޭނާ ބޭނުންކުރާނެ ފާލަމަވެ. މިލަފްޒު އަޅުގަނޑުމެންނަށް ގިނަފަހަރަށް ބޭނުންކުރެވެނީ ތަޢުލީމީ މީހުންނާއި، ނޫސް ލިޔުންތެރިންނާއި، ރޭޑިޔޯ ޓީވީ ޕްރޮގްރާމްތައް ތައްޔާރުކުރާ ފަރާތްތަކާއި، ވާހަކަ ލިޔުންތެރިންނާއި އަދަބީ ނަޤުދުކުރާ ފަރާތްތަކުގެ ތެރެއިން ޢާންމުންގެ މެދުގައި މަޤުބޫލުކަން ހޯދައިފައިވާ ޝަޚުޞިއްޔަތުތަކަށެވެ. ނުވަތަ ރައްޔިތުންގެ ޝަޚްޞިއްޔަތު ތަކަށެވެ. މިޒަމާނުގެ ގިނަ ލިޔުންތެރިން މުޘައްޤަފުގެ ތަޢުރީފު ދެއްވާފައިވާ ގޮތަށް ބަލައިލުމުން އަޅުގަނޑުމެންނަށް އެގެނީ އެބޭފުޅުންގެ އަރިހުގައި ޙަޤީޤީ މުޘައްޤަފަކީ ޙައްޤަށްޓަކައި ހިންމަތްކުރުމުގެ ދައުރެއް އަދާކުރާ މީހެކެވެ ހަމައެފަދައިން އެފަދަ މުޘައްޤަފު، މުޖުތަމަޢުގައި ކަންކަން ކުރެވޭ ރަނގަޅު ނޫން ގޮތްތަކަށް ނުވަތަ އިދާރީ ގޮތުން ހުރި ނޭދެވޭ ކަންތައްތަކަކަށް ނަޤުދުކޮށް ފާޑުކިޔާނެއެވެ. އަދި އެމީހެއްގެ ފިކުރުތަކާއި ވިސްނުންތައް މުޖުތަމަޢަށް ވާޞީލުކޮށްދިނުމަށްޓަކައި ޝަޚްޞީ ގިނަ މަޞްލަޙަތުތަކެއް ޤުރުބާންކޮށްލަން ތައްޔާރަށް ހުންނާނެއެވެ. މަޝްހޫރު މުފައްކިރު އަދި ފަލްސަފާވެރިޔާ ނޯމް ޝޮމްސްކީ މުޘައްޤަފްގެ ތަޢާރަފުގައި ވިދާޅުވެފައިވެއެވެ. (މުޘައްޤަފަކީ ބާރުގެ ކުރިމަތީގައި ޙަޤީޤަތް އުފުލާ މީހާއެވެ.)

ކޮންމެއަކަސް މުޘައްޤަފް ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ވަހުމީ މުޘައްޤަފްގެ ޝަޚްޞިއްޔަތާމެދު ވާހަކަދައްކަވާފައިވެއެވެ. އެއީ އަބަދުވެސް ބަރީއަވުމާއި އިޙުސާސްތަކުން މަޙުރޫމުވުމާއި އެހެންމީހުންގެ މަސައްކަތްތަކުން ވައްކަންކުރާ ޝަޚުޞެކެވެ. ބައެއް ލިޔުންތަކަށް ބަލައިލުމުން ބައެއް މުޘައްޤަފުން އެމީހުންގެ ގަލަމާއި ދޫ ވަކި ފަރާތެއްގެ މަޞްލަޙަތުތައް ޙިމާޔަތްކުރުމުގައި ނުވަތަ ޒާތީ މަންފާތަކެއް ހޯދައިގަތުމަށް ބޭނުންކުރާކަމުގެ ހިތްދަތިކުރުވަނިވި ޝަކުވާ ފެނެއެވެ. އަދި ޙައްޤު ބަސްބުނުމާއި ނުބައިކަންކަމާ ދެކޮޅަށް މަސައްކަތްކުރުމާއި އަނިޔާލިބިފައިވާ ފަރާތަށް އިންޞާފު ހޯދައި ދިނުމާއި، ޢާންމު މަޞްލަޙަތުތައް ޙިމާޔަތްކުރުމުގެ ވާޖިބު ހަނދާން ނައްތާލުމުގެ ޝަކުވާއެވެ. 

އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އަޅުގަނޑުމެން މުޘައްޤަފުން ގޮތުގައި މިބަޔާންކުރި މީހުންނަކީ ފަލްސަފާވެރިންނާއި މުފައްކިރުންނަށްވުރެ ބޮޑަށް ކަންކަން ހިނގަމުންދާ ގޮތާ ގުޅިފައިވާ ބައެކެވެ. އަދި އެބައިމީހުންގެ ވާހަކަތައް ވަރަށް ގިނަފަހަރަށް މައިދާނުގައި ތިބި ބާރުތަކާއި ކަންކަން ނިންމުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކާ ފުށުއަރާ ގޮތްވެއެވެ. އޭގެ ސަބަބުން އެބައިމީހުންނަށް މުފައްކިރުންނާ ފަލްސަފާވެރިންނާ ކުރިމަތިނުވާ ގޮންޖެހުންތައް ކުރިމަތިވެއެވެ. އެބައިމީހުންގެ ކާއެތިކޮޅުވެސް ނުލިބިދާނެތީ ބިރުވެތިވާންޖެހިދެއެވެ. އެހެންކަމުން އަމިއްލަ އިޚުތިޔާރެއްނެތި މަޑުމަޑުން އަމާންކަން ލިއްބައިދޭނެ ޖަމާޢަތަކާ ގުޅެން ޖެހިދެއެވެ.

(ނުނިމޭ)

ނޯޓު: މިއީ ޑރ.ޢަބްދުލްކަރީމް ބައްކާރުގެ تكوين المفكر- خطوات عملية (މުފައްކިރަކު ބިނާކުރުން- ޢަމަލީ ފިޔަވަޅުތަކެއް) ނަމަކަށް ކިޔުނު ފޮތުގެ ތަރުޖަމާގެ ފެށުމެކެވެ. މިފޮތް ތަރުޖަމާކުރަން އަޅުގަނޑު ގަސްތުކުރަނީ ފޮތުގައިހުރި މައިގަނޑު މައުޟޫޢުތައް ވަކިވަކި މަޒުމޫންތަކެއްގެ ގޮތުގައެވެ. މިއީ ފުރަތަމަ މަޒުމޫނުގެ އެއްވަނަ ބައެވެ. އަޅުގަނޑުގެ އުންމީފަކީ މިފޮތް އަވަސް މުސްތަޤުބަލެއްގައި ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންނަށް ފޯރުކޮށްދިނުމެވެ.
ކުރިއަށް ތަރަހަ

ފަހުގެ ލިޔުން

↑

ފަހުގެ ޚިޔާލު

ބްލޮގްތަކުން

  • Mohamed Shafiu
    ދީނީ ދަޢުވަތު ދޭ މީހާއަށް ލިބޭ ބޮޑު ދެ ނިޢުމަތެއް - މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރުﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ.يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا ...
  • އިބްން އަބްދުލްރަހްމާން ޅޮހި
    ހަރޯދައިގެ މާތްކަން އަދި ޤަޟާ ރޯދައިގެ ކުރިން ހަރޯދަ ހިފިދާނެތަ؟ - عبد الرحيم الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. أما بعد: ޝައްވާލު މަހުގެ ހަރޯދަ ހިފުމަކީ ވަރަށް މަތިވެރިވެގެންވާ އަޅުކަމެކ...
  • ދި - ލިޔުން
    ދިވެހިރާއްޖޭގެ ތަޢުލީމީ ކަލެންޑަރު 2015 - Maldives Academic Calendar 2015 [މި ސައިޓަށް ސަބްސްކްރައިބް ކުރެއްވީތީ ތިޔަބޭފުޅާއަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަމެވެ! ބައެއް ބައިތައް ( މިސާލަކަށް ވީޑ...
  • Maldivian Pearls
    -

ފޭސްބުކުގައި ތަރަހަ

2011 Tha-ra-ha. All rights reserved.